ސިވިލް ސަރވިސް ކޮމިޝަންގެ ބައްދަލުވުމެއް.
ސިވިލް ސަރވިސް ކޮމިޝަންގެ ރައީސްއަށް އެތައް ތުހުމަތެއްކޮށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއިން ދާދިފަހުން މައްސަލަތަކެއް ބަލާ ރިޕޯޓެއް އާންމުކޮށްފައިވެއެވެ.
އެ ރިޕޯޓްގައި ތުހުމަތުކޮށްފައިވަނީ ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް މަގާމުގެ ނުފޫޒުން ޤާނޫނާ ހިލާފު ކަންތައްތަކެއް ކުރަން އުޅުނު ކަމަށެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސްއަށް ޖަވާބު ދާރީވާން ފުރުސަތު ދިނުމުން އެކަމާ ގުޅިގެން އެބޭފުޅާ ލިޔެކިޔުންތަކެއް ފޮނުވިކަމަށްވެސް ރިޕޯޓްގައިވެއެވެ.
ނަމަވެސް މިކަންކަމާ ގުޅިގެން އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. އަދި މިކަންކަން ހިގަމުން ދިޔައިރު ސިވިލް ސަރވިސް ކޮމިޝަނުން ދެ މުއައްޒަފެއް ސަސްޕެންޑްކޮށް ޖާސޫސް ކުރުމުގެ މައްސަލައެއް ފުލުހުން ބަލަމުން ދާކަމަށް ނޫސްތަކުގައި ހަބަރު ފެތުރިފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގެ ރިޕޯޓުގައި ބުނާގޮތުން ޖާސޫސް ކުރުމަކީ ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސްގެމައްޗަށް ކޮށްފައިވާ ބައިވަރު ތުހުމަތުތަކަކުން އެންމެ ތުހުމަތެކެވެ.
ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސްއަށް ކުރެވުނު ބާކީ ތުހުމަތުތަކަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއިން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވަނީ އެ ތުހުމަތުތަކަކީވެސް ސިވިލް ސަރވިސް ކޮމިޝަނުގަ ޖާސޫސް ކޮށްގެން ސަސްޕެންޑް ކުރި ދެ މުއައްޒަފުން ކުރިކަމަކަށް ވާތީ އެ ތަހުގީގު ކުރިޔަށްދާތީ ކަމަށް ވެދާނެއެވެ.
ނުވަތަ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މެންބަރުންނަށް އަސްލު މައްސަލަ އޮޅުވާލާ ލޮލުގައި އަނދުންއެޅުވުމަށް ޖާސޫސް ކުރީކަމަށް ބުނެ ބޮޑު ޑްރާމާއެއް ކުޅެ ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުންނާ ސެކެޓްރީ ޖެނެރަލްގެ އަސްލު މައްސަލަތަށް އެމީހުން ފޮރުވީ ކަމަށްވެސް ވެދާނެއެވެ.
ސިވިލް ސަރވިސް ކޮމިޝަނަކީ ރާއްޖޭގެ އެންމެބޮޑު ވަޒީފާ ދޭ ފަރާތަށް ވާއިރު ރައްޔިތުންގެ ފަރާތުން ކުރެވުނު ތުހުމަތުތަކަށް ވީގޮތެއް ނޭގި ގެއްލުމަކީ ބޮޑެތި ސުވާލު އުފެދޭކަމެކެވެ. ވީމާ މިކަން ސާފުކުރުމަކީ ހުރިހާ ރައްޔިތުންވެސް އެދޭނެކަމެކެވެ.
މިކަމުގެ މައުލޫމާތު އެނގޭ މީހަކު ކިޔައިދިން ގޮތުގައި ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސްއަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއިން ކޮށްފައިވާ ތުހުމަތުތަކަކީ ރައީސް އެކަނި ކޮށްގެން އުޅޭ ކަންކަމެއް ނޫނެވެ. ޤާނޫނާ ގަވައިދާ ހިލާފު ކަންކަން ކުރުމަށް ހުރިހާ މެންބަރުންނާ ސެކެޓްރީ ޖެނެރަލްވެސް ވަނީ މަގުފަހިކޮށްދީފައެވެ.
ދިވެހި ސިވިލް ސަރވިސް ޤާނޫނާއި ގަވައިދުތަށް ވަކިގޮތަކަށް ވަކި ކަންކަމެއް ކުރުމަށް މެންބަރުންނަށާ ސެކެޓްރީ ޖެނެރަލްއަށް ލާޒިމުކޮށްފައިވާއިރު ޤާނޫނާ ގަވައިދާ ހިލާފަށް ޔައުމިއްޔާ ނުކޮށް ރިކޯޑް ނުކޮށް މެންބަރުންގެ ބައްދަލުވުންތަށް ބާއްވާ ސިވިލް ސަރވިސް ވަޒީފާތަކުގެ ނިންމުންތަށް ނިންމާތާ އެތެއް އަހަރެއް ވެއްޖެއެވެ.
ޤާނޫނާ ހިލާފު 700 އަށްވުރެ ގިނަ ޖަލްސާގަ 3000 އަށްވުރެ ގިނަ ވަޒީފާގެ ނިންމުން އެބަހުއްޓެވެ. އެނިންމުންތަކަކީ ސައްހަ ނިންމުންތަކެއް ކަމާވެސް މިހާރު ސުވާލު އުފެދެއެވެ. ސިވިލް ސަރވިސް ކޮމިޝަނުގަ މިހާރު ތިބި މެންބަރުންނަކީ 3 ސެޕްޓެމްބަރު 2020 ވަނަ އަހަރު އެމަގާމަށް އައްޔަނުކުރެވުނު މެންބަރުންނެވެ. އަދި 21 ސެޕްޓެމްބަރު 2020 ވަނަ އަހަރު ގެޒެޓް ކުރި ދިވެހި ސިވިލް ސަރވިސް ޤާނޫނަށް 5 ވަނަ އިސްލާހު ގެނައުމުގެ ޤާނޫނުގައި 18 ވަނަ މާއްދާއަށް 13 ވަނަ މާއްދާއެއް އިތުރުކޮށްފައިވެއެވެ.
އެގޮތުން 18 ވަނަ މާއްދާއަށް އިތުރު ކުރެވުނު 13 ވަނަ މާއްދާއަކީ ބައްދަލުވުންތަކުގެ ރެކޯޑް ބެލެހެއްޓުމެވެ. އެމާއްދާގެ (ހ)ގައި ބުނާގޮތުން ކޮމިޝަނުގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ އަކުރުން އަކުރަށް ލިޔެ ބަލަހައްޓަންވާނެވެ. އަދި އެ ބައްދަލުވުންތަކުގެ އޯޑިއޯ ރެކޯޑިންގ ބަލަހައްޓަންވާނެއެވެ.
އެ މާއްދާގެ (ށ) ބުނާގޮތުން ޔައުމިއްޔާ ލިޔެ ތައްޔާރުކުރަންވާނީ މެންބަރުން ދައްކާ ވާހަކައަށް އުނިއިތުރެއް ނުގެނެސް ކޮމިޝަނުގެ މެންބަރަކު ދައްކާ ވާހަކައެއް އެ ދެއްކި ގޮތަކަށް ޔައުމިއްޔާއިން ފެންނާނެ އަދި ޖަލްސާގައި ކަންހިނގާދިޔަގޮތް ސާފުކޮށް އެނގޭނެ ގޮތުގެ މަތިންނެވެ.
އެ މާއްދާގެ (ރ) ބުނާގޮތުން ކޮމިޝަނުގެ ބައްދަލުވުންތަކުގެ ޔައުމިއްޔާގައި ކޮމިޝަނުގެ މެންބަރުންގެ ހާޒިރީއާއި ވޯޓުދިން ގޮތުގެ ތަފްސީލު ހިމަނަންވާނެއެވެ. އަދި އެމާއްދާގެ (ޅ) ބުނާގޮތުން އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް އޮތްނަމަވެސް މި ލިޔެކިޔުންތަކާއި ރެކޯޑިންގތައް މަދުވެގެން 10 އަހަރުދުވަސް ވަންދެން ކޮމިޝަނުން ރައްކާތެރިކަމާއެކު ބަލަހައްޓަންވާނެއެވެ.
މީގެ އިތުރުން ސިވިލް ސަރވިސް ކޮމިޝަނުގެ ބައްދަލުވުންތަކުގެ ހިންގާ ގަވާއިދުގެ 6 ވަނަ މާއްދާ ބުނާގޮތުން ކޮމިޝަނަރސް ބިއުރޯއިން ކޮމިޝަނުގެ ބައްދަލުވުންތަކުގެ ރެކޯޑް ބަލަހައްޓަންވާނެއެވެ. އަދި ކޮމިޝަނުގެ ބައްދަލުވުމުގެ ދިގުމިނަށް ބަލައި ކޮމިޝަނުގެ ސެކެޓްރީ ޖެނެރަލް ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި ކޮމިޝަނުގެ ޔައުމިއްޔާ ލިޔެ ނިންމައި ޔައުމިއްޔާ ފާސްކުރަން ކޮމިޝަނުގެ ބައްދަލުވުމަށް އެޖެންޑާކުރަންވާނެއެވެ. އަދި ކޮމިޝަނުގެ ބައްދަލުވުމުގެ ޔައުމިއްޔާ ކޮމިޝަނުގެ ބައްދަލުވުންތައް މެނޭޖްކުރަން ތައްޔާރުކޮށްފައިވާ ސޮޕްޓްވެއަރ "ސައްލާ"ގައި ރިކޯޑް ކުރަންވާނެއެވެ. އަދި ކޮމިޝަނުގެ ބައްދަލުވުންތަކުގެ ރެކޯޑިންތަކާއި ޔައުމިއްޔާ ދިވެހި ސިވިލް ސަރވިސް ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް، ބަޔާންކޮށްފައިވާ މުއްދަތަށް ކޮމިޝަނަރސް ބިއުރޯއިން ރައްކާތެރިކަމާއެކު ބަލަހައްޓަންވާނެއެވެ. އަދި ކޮމިޝަނުގެ ބައްދަލުވުންތަކުގައި ސެކެޓްރީ ޖެނެރަލް ބައިވެރިވާންވާނެއެވެ.
"ޤާނޫނުގައި އަދި ގަވައިދުގައި މި އޮންނަނީ ކޮމިޝަނުގެ ބައްދަލުވުންތަކޭ. އެމީހުން އުފެއްދީ ރަސްމީ ޖަލްސާ ކިޔާ ބައްދަލުވުމަކާ ޑެއިލީ ބްރީފިން ކިޔާ ބައްދަލުވުމެއް. ހުރިހާ ބަހުސްކުރާނީ ޑެއިލީ ބްރީފިން ކިޔާ ޔައުމިއްޔާ ނުކުރާ ބައްދަލުވުމުގަ. ޑެއިލީ ބްރީފިން ބައްދަލުވުން ބޭއްވިކަމަށް "ސައްލާ" ސިސްޓަމުގަ ރިކޯޑްކުރާނެ. ހަމައެކަނި ޤާނޫނު ބުނާ ގޮތަށް ޔައުމިއްޔާ ނުކުރާނީ. ޔައުމިއްޔާ ކުރާނީ ރަސްމީ ޖަލްސާ ކިޔާ ބައްދަލުވުން އެކަނި. އެއީ ޔައުމިއްޔާ ކުރާ ބައްދަލުވުމެއް އޮތްކަން ދައްކަން ބާއްވާ ބައްދަލުވުމެއް،" ނަން ނުޖެހުމަށް ޝަރުތުކޮށް ކޮމިޝަންގެ މުވައްޒަފެއް ކިޔައިދިނެވެ.
"އިހައްދުވަހުވެސް ބުނަމުން އެދިޔައީ އެމީހުންނަށް އޮޅުވާލައިގެން ބަޔަކު ސޮޕްޓްވެއަރއެއް ހޯދިކަމަށް. އެއީ ތެދެއްތޯ ނުވަތަ މިހާރު މެންބަރުން ދޮގުހަދަނީތޯ އެނގޭނީ ބައްދަލުވުންތަށް ޤާނޫނު ބުނާގޮތަށް އަކުރުން އަކުރަށް ޔައުމިއްޔާ ކުރިނަމަ ނޫންތޯ. ބައްލަވާ ކައުންސެލް ޖެނެރަލް ޓްރައިބިއުނަލްގަ ދައްކާފަ ހުރި ވާހަކަ. އެބޭފުޅާ އޮންނާނެ އެއްބަސްވެފަ ޓްރައިބިއުނަލްގަ އޮން ރިކޯޑް ކަނޑާލި މުއައްޒަފެއް ކަނޑާލަން މެންބަރުން ކުރި ބަހުސްގެ ޔައުމިއްޔާ ނެތްކަން. ބަހުސްކުރީ ޔައުމިއްޔާ ނުކުރާ ޑެއިލީ ބްރީފިން ކިޔާ ބައްދަލުވުމެއްގަކަން. އޭގެ އެއްވެސް ނިންމުމެއް ފެންނާކަށްނެތް."
"ވަކި މީހަކަށް ވަޒީފާދޭން ފެހި ކޯޓުތަކާ ވަކި މީހެއް ޕްރޮބޭޝަނުން ގަދަކަމުން ފާސްކުރުމާ މަޖިލީހުން ކުރި މިހުރިހާ ތުހުމަތުތަކުގެ ހަގީގަތްވެސް ބެލުނީހީ އަކުރުން އަކުރަށް ޔައުމިއްޔާ ކުރިނަމަތާ. އަސްލު އޮޅުވާލަން މިއުޅެނީ ޤާނޫނާ ގަވައިދާ ހިލާފަށް ރައްޔިތުންގެ ވަޒީފާގެ ނިންމުންތަށް ނިންމަމުންދާކަން."
ޖަލްސާއެއްގެ ނަމަކުން އެއީ ޤާނޫނު ބުނާ މެންބަރުންގެ ބައްދަލުވުމެއް ނޫން ކަމަކަށް ބެލެވިދާނެތޯ މި ވަނީ ސުވާލު އުފެދިފައެވެ. މެންބަރުންގެ ބައްދަލުވުމެއްގެ ސިފަތަށް ޑެއިލީ ބްރީފިން ކިޔާ ބައްދަލުވުމުގަވެސް އެބަހުއްޓެވެ.
އެގޮތުން ރައީސް ނުވަތަ ނައިބު ރައީސް ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓުމާ މަދުވެގެން 3 މެންބަރުންގެ ކޯރަމް ހަމަ ކުރުމާ ސިވިލް ސަރވިސްގެ ވަޒީފާގެ ކަންކަމަށް ބަހުސް ކުރުމާއި ބަހުސްގައި ނިންމި ބައެއް ނިންމުންތަކާ ބަޔެއް ނިންމުމާގުޅިގެން މުއައްޒަފުންނަށް ހަވާލުކުރެވުނު ބަޔެއް ޓާސްކް ”ސައްލާ“ ސިސްޓަމުން ފެންނަން އެބަހުއްޓެވެ.
ހަމައެކަނި ފެންނަން ނެތް ސިފަތަކަކީ ޤާނޫނުގައި ބުނެފައިވާ ފަދައިން އޯޑިއޯ ރެކޯޑިންގ ބެލެހެއްޓުމާ އަކުރުން އަކުރަށް ޔައުމިއްޔާ ކުރުމެވެ.
ޖާސޫސް ކުރީ ކަމަށް ބުނެ ސިވިލް ސަރވިސް ކޮމިޝަނުގެ ދެ މުއައްޒަފަކު ސަސްޕެންޑް ކޮށްގެން މައްސަލަ ބަލަމުންދާއިރު ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސްއަށް ކުރެވުނު ތުހުމަތުގައި އެ މައްސަލަ ބަލާފައިވަނީ އެބޭފުޅާ ސަސްޕެންޑް ނުކޮށްކަންވެސް ފާހަގަކުރެވެއެވެ.
0%
0%
0%
0%
0%
25 ޑިސެންބަރު 2024
0
22 ޑިސެންބަރު 2024
0
16 ޑިސެންބަރު 2024
0
14 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
13 ޖުލައި 2024
2
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
12 ޖުލައި 2024
4